“Alcohol” In Islam

އިސްލާމްދީނުގެ ނަޒަރުގައި ރާ.
ރަލަކީ އިންސާނާ އެ ބުމުން ނުވަތަ ބޭނުންކުރުމުން ހަމަބުއްދި ފިލާދާ ކޮންެމެ އެއްޗެކެވެ. އިސްލާމްދީނުގައި ރަލުގެ ހުކުމަކީ ހަރާމެވެ. އަދި މިކަމަށްވަނީ ހުރިހާ އިލްމުވެރިން އިއްތިފާގްވެ ލައްވާފައިވާ ކަމަކަށެވެ. މިކަމަށް ބާރުދެނީ އަލްމައިދާ ސޫރަތުގެ 90 ވަނަ އާޔަތެވެ. މި އާޔަތުގެ މާނައިގެ ޝަރަހައިގައި ބަޔާންކުރައްވާފައިވަނީ ރާބުއިމާއި، ޖުވާކުޅުމާއި ނަސީބު ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަކުތަކުގެ ތެރެއިންވާ އަމަލުތަކެކެވެ. މި އާޔަތުގެ މާނައިންވެސް ދޭހަވަނީ ރަލަކީ އިސްލާމްދީނުގައި ކިހާ ބޮޑަށް މަނާކޮށްފައިވާ ކަމެއް ކަމެވެ.
ރާބޯމީހުންނަށް ކަނޑައެޅިފައިވާ އުގޫބާތަކީ ހައްދު ޖެހުމެވެ. ނަމަވެސް ހައްދުގެ އަދަދާއިމެދު އިލްމުވެރިން ހިލާފްވެ ލައްވާފައިވެއެވެ. ޖުމްހޫރު އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި މިނިވަނެއް ނަމަ ހައްދުގެ އަދަދަކީ އައްޑިހަ އެތިފަހަރެކެވެ. އަދި މިނިވަނެއް ނޫންނަމަ އެ އަދައަކީ 40 އެތިފަހަރެވެ. އެޒަމާނަކީ އަޅުން ގިނަ ޒަމާނެކެވެ. އެހެން ކަމުން މިތާންގައި މިނިވަނެއް ނޫން ކަމުގައި ބުނެފައި އެވަނީ އެފަދަ މީހުންނަށެވެ.
އިސްލާމްދީނުގެ މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދަކީ އިންސާނާގެ ބުއްދި ސަލާމަތުން ބެހެއްޓުމެވެ. ނަމަވެސް ރަލަކީ އިންސާނާގެ ބުއްދި ފިލުވާލާ އެންމެބޮޑު އެކައްޗެވެ. އެކަމަގެ ސަބަބުން އިންސާނާގެ ގެ ސިކުނޑީގެ ބާރު ދައްވެ ވިސްނުމަގެ ހިއްސު ބަލިކަށިކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ހަޔާތުގަ ގޯސް މަގުތައް ހިޔާރު ކުރެވެން ފަށައެވެ. އަދި މަސްތުގެ ހާލުގައި ﷲ ސުބްހާނަހޫ ވަތައާލާ އިންސާނާގެ މައްޗައް ވާޖިބްކުރައްވާފައިވާ ކަންކަން ކުރުމަށް އިންސާނާ ނުކުޅެދުންތެރި ވެއެވެ. އެހެންކަމުން އިންސާނުން ދުނިޔެއަށް ފޮނުވުނު މަގުސަދު ހާސިލް ކުރުމަށް ބޮޑު ހުރަހަކަށް ވެގެން ދެއެވެ.
ރަލާބެހޭ އާޔަތްތައް ބާއްވައިލެއްވުމުގެ ކުރީގައި އެއިރުގައި އުޅުނު މީހުން ވަނީ ރަލަށް ވަރަށް ބޮޑަށް ދެވިހިފާފައެވެ. ރާ ވަނީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވިފައެވެ. އުފަންވެ އުޅެބޮޑުވެފައިވަނީ ރަލުގެ ތެރޭގައެވެ. އެމީހުންގެ ނަފްސުތައް ވަނީ ރަލުގެ ތެރެއަށް ގެނބި ގޮސް ހުސްވެފައެވެ. އަރަބި ބަހުގައި ރަލަށް ކިޔާ 100 އަށްވުރެ ގިނަ ނަން ވެއެވެ. އަދި ޅެންތަކުގައިވެސް ރަލާބެހޭ ވާހަކަތަށް އައިސްފައިވެއެވެ. މި ކަމުންވެސް އެނގިގެންދަނީ އެމީހުންގެ ދިރިއުޅުމުގައި ރަލުގެ މުހިންމުކަން އަދި އޭގެ ތެރެއަށް ވަދެތިބި މިނަވަރުގެ ބޮޑުކަމެވެ. އެދުވަސްވަރުގެ ޒުވާނުންގެ މައިގަނޑު މަސައްކަތަކީ ޝިކާރަ ކުރުމާއި ރަލުގެ މަޖިލިސްތަކަށް ގޮސް ރާބުއިމެވެ.
ރަލަކީ އޭގެ ސަބަބުން މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވަމުން އަންނަ ކަމެކެވެ. ހޯދުންތެރިއަކު ވިދާލުވެފައިވާ ގޮތުގައި ރަލުން ލިބެފައިވާ ގެއްލުމަކީ އެހެން އެއްވެސް ކަމަކުން ލިބިފައި ނުވާވަރުގެ ބޮޑު ގެއްލުމެކެވެ. ރަލުގެ ސަބަބުން ލިބެމުން އަންނަ ބައެއް ގެއްލުމަށް ބަލާއިރު އާއިލީވާޖިބުތަކާއި އިޖުތިމާއީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅިގެންދެއެވެ. މުޖުތަމައުގެ އަމަން އަމާންކަން ނެތިގެންދިއުމާއި ބަނގުރޫޓުވުމާއި ތަފާތު ބަލިތައް ފެތުރުމަކީވެސް ރަލުގެ ސަބަބުން ދިމާވަމުންއަންނަ ފޫނުބެއްދޭފަދަ ގެއްލުންތަކެވެ.
ރަލަކީ ހަރަމްކުރައްވާފައިވާ އެއްޗެއްގައި އައިސްފައިވަނީ ސީދާ މާތްﷲ ގެ ވަހީވަސްފުޅުގެ ގޮތުގައެވެ. ކީރިތި ޤުރުއަނުގައި ރަލުގެ ވާހަކަ ތިންތަނެއްގައި ބަޔާންވެގެންވެއެވެ. އެގޮތުން ބަގަރާ ސޫރަތާއި، އަންނާސި އަދި އަލް މާއިދާ ސުރަތުގައި ބަޔާންވެގެންވެއެވެ. އަދި މިއިން ކޮންމެ އާޔަތެއްގައިވެސް ވަނީ ރަލުގެ ނުބައި ކަމުގެ ވާހަކަ އައިސްފައެވެ. އެގޮތުން ރަލާއި ޖުވާގެ ނުބައިކަމާއި، މަސްތުގެ ހާލުގައި ނަމާދާ ގާތް ނުވުމަށާއި އަދި ރަލަކީ އެކަކު އަނެކަކުގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދާ އެއްޗެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ. މިފަދަ ކަމެއް ދޫކޮށްލުމަށް އަންގައި ވަހީ ބާއްވައިލައްވާފައިވަނީ އެންމެ ފުރިހަމައަށް އެންމެ ފުރިހަމަ ވަގުތުތަކުގައިއެވެ. ހުކުމްތައް އައިސްފައިވަނީ ހުކުމަކަށްފަހު ހުކުމެކެވެ. އެއީ އެއްފަހަރާ އެފަދަ ކަމެއް ދޫކޮށްލުމަކީ އިންސާނުންނަށް ފަސޭހަ ކަމަކަަށް ނުވާނެކަމެއް ކަމަށް އިސްލާމްދީން ދަންނާތީއެވެ.
ރަލަކީ ހަރާމް އެއްއެޗެއްކަން ވަހީ ކުރެއްވުމުގެ ކުރީގައިވެސް އެއްބައި ބޭކަލުން އޭގެ ނުބައިކަން ދެނެގަނެ އެއިން ދުުރުހެލިވިއެވެ. އަދި ހަމަ އާޔަތްތައް ބާއްވައިލެއްވުމާއިއެކު ހުރިހާ މުސްލިމުން އެކަމަށް އިޖާބަ ދިނެވެ. އާޔަތް އިވުމާއިއެކު ރަލުގެ ތަށިތައް އަދި އަނގަޔަށް އަޅާފައިވާ ރާތައްވެސް އުކާލިއެވެ. އެދުވަސްވަރު މަދީނާގެ މަގުތައްވަނީ ރަލުން ފުރިފައިކަމަށް ބުނެވެއެވެ.
އިސްލާމްދީން ރަލާއިމެދު ވަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ. މިކަން ރަސޫލާ މުހައްމަދް.ސ.އ.ވ ގެ ހަދީސްތަކުންވެސް ސާބިތުކޮށްދެއެވެ. އެގޮތުން މަސްތުވާ ކޮންމެ އެއްޗަކީ ހަރާން އެއްޗެއްކަމާއި ގިނަ މިންވަރުން މަސްތުވާ ތަކެތީގެ މަދު މިންވަރުވެސް ހަރާމްވާނޭކަމަށް ހަދީސް ކުރައްވާފައިވެއެވެ. އަދި ރަލުގެ މަޖިލިސްތަކުުން ދުރުވުމަށާއި އަދި ރަލަކީ ޝިފާއެއް ނުން ކަމަށްވެސް ވަނީ ހަދީސް ކުރައްވާފައެވެ. މި ހަދީސްއިންވެސް ދޭހަވަނީ ރަލަކީ އޭގެޒާތުގައި ގެއްލުންހުރި އެއްޗެއްގެ ގޮތުގައެވެ. މިކަން ކަމުގެ އިތުރުން ރަލުގެ ވިޔަފާރި ވެސް ވަނި ހަރާމް ކުރައްވާފައެވެ. ހަދީސްއެއްގެ މާނައިގައިވަނީ ރާބޯމީހާއާއި ރާ ވިއްކާ މީހާ އަދި އެފުލައިދޭ މީހުންނަކީ ހަމަ ހަމަ ބައެކެވެ. އަދި މި އެންމެންނަށް ﷲ ލައުނަތްލެއްވިއެވެ.
Advertisements