“Libaaslehwun” A Disappeared Tradition

ލިބާސްލެއްވުން، އަހަރަމެންގެ ތެރެއިން ނެތިގޮސްފައިވާ އާދައެއް.
ދިވެހިންނަކީ އަމިއްލަވަންތަ އާދަކާދަ ތަކެއް މަތީ ދެމިތިބެމުން އައި ބައެކެވެ. ހިތާނަ ކުރުމާއި ނަދުރު ބުނމާާއި އަދި ލިބާސް ލެއްވުމުގެ އާދަތަކަަކީ ފާހަގަކޮށްލެވޭ ދިވެހިންގެ ހާއްސަ އާދަތަކެކެވެ. މީގެތެރެއިން ލިބާސް ލެއްވުމަކީ އަހަރެމެންގެ ތެރޭގައި ދާދި ފަހާއި ޖެހެންދެން އޮތް ނަމަވެސް، މިހާރުު މުޅިން އުވި ގޮސްފައިވާ އާދައެކެވެ. މިއީ އަންހެން ކުދިންނަށް ހާއްސަ، ވަކި ހަމަ ތަކެއްގެ މަތިން ކުރެވެމުން އައި ކަމެކެވެ.
އަންހެން ކުދިންގެ އެންމެ ފުރަތަމަ ހެދުމަކީ މުންޑު ނުވަތަ ކަނޑިކި، އަދި އެއާއި އެކު ބޮލުގައި ރުމާލެކެވެ. ފިރިހެން ކުދިންގެ ހެދުމާއި މާބޮޑު ތަފާތެއް ނުހުރެއެވެ.
އާންމުކޮށް ލިބާސްލައްވާ އުމުރަކީ ނުވަ އަހަރެވެ. އެހެންކަމުން އެ އުމުރުގެ ކުރިން އެކަމުގެ ތައްޔާރީތަށް ވާން ފަށައެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ބޯ ވަޑުވަން ލުމެވެ. ލިބާސް ލެއްވުމުގެ ކުރީގައި އަންހެން ކުދިންގެ އިސްތަށިގަނޑުވެސް ހުންނަނީ ފިރިހެން ކުދިންނެކޭ ދާދި އެއްގޮތަށް ކޮށާފަ ނުވަތަ ބާލާފައެވެ. އެހެންކަމުން ބޯވަޑުވަން ލުމަކީ ބޯ ނުކޮށާ ގޮތަަށް ނިންމައި، އިސްތަށިގަނޑު ދިގުކުރަން ފެށުމެވެެ. ބޯވަޑުވަންލުން ފަށަމީ ލިބާސް ލެއްވުމުގެ އަހަރެއް ނުވަތަ ދެއަހަރު ކުރިންނެވެ.
އާންމުކޮށް ލިބާސް ލައްވާ އުމުރަކީ ނުވަހަރު ކަމުގައި ވީ ނަމަވެސް، އެކަންް ގުޅިފައި އޮންނަނީ ކުއްޖާގެ ސިއްހަތާއި ހެދިބޮޑުވުމަށް ބަލައިގެންނެވެ. ކުއްޖާގެ ހަށިގަނޑުން ލިބާހައް އައިބުވާ ފަދަ ސިފަތަށް ފެންނަން ފެށުމުން، ކުއްޖާގެ މައިން ބަފައިން އެކަމަށް އަވަސްވެގަނެއެވެ. ލިބާސްކަނޑަން ބޭނުންވާ ފޮތިފަދަ ތަކެތި ގެންނަނީ މާލެއިންނެވެ. ލިބާސް ކެނޑުމުގައި ބަލާ ހަމަތަކެއްވެސް ވެއެވެ. އެކަންކުރަނީ އެރަށެއްގެ މަޝްހޫރު އެދުރުބެއަކު ލައްވައެވެ. އަދި މިކަން ކުރުމުގައި އިރުވަރައްވެސް ވަރަށް ބޮޑަށް ބަލައެވެ.
ލިބާސް ލެއްވުމުގެ ހަފްލާއަކީ މާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް މިކަން ކުރަނީ އެމީހެއްގެ ފުދުންތެރިކަމަށް ބަަލައިގެންނެވެ. ހަފްލާ އޮންނަނީ އެ ގެއެއްގެ ގޯތި ތެރޭގައެވެ. އެދުރުބޭ ސަލަވާތް ކިޔެވުމަށްފަހު ކުއްޖާއަށް ތައްޔާރު ކުރެވުނު ލިބާސް ތަކަށް ދުންބުރުވާލައެވެ. މިކަންް ކުރާއިރު އެދުރުބޭ އިންނަވަނީ ގޭގެ ބޭރު ބޮޑުއަށި މަތީގައެވެ. ސަލަވާތް ނިންމުމަށްފަހު ކުއްޖާ އެތަނައް ހާޒިރު ކުރެއެވެ. އެއަށްފަހު ލިބާސް ލައްވަނީ އެދުރުބެގެ އަތުންނެވެ. އަދި މިއީ އަންހެނަކަށް ވުމުގެ ފެށުންކަމުގައި އިއުލާން ކުރެއެވެ. ލިބާސް ލައްވާއިރު އާންމުކޮށް ކުއްޖާ ބަހައްޓާފައި ހުންނަނީ ދޮންވެލިކޮޅެއް ނުވަތަ ހަނޑޫ ކަނޑިއެއްގެ މަތީގައެވެ. ނަމަވެސް އަތްމަތި ތަނަވަސް، ފުދުން ތެރިކަން ހުންނަ މީހުން އެކަމަށް ބޮލިކޮށްޓެ ބޭނުންކުރެއެވެ.
Advertisements